އޯލެވެލް އިމްތިހާނުގައި 03 މާއްދާއަށްވުރެ މަދުން ބައިވެރިވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމެއް، ބައެއް ސްކޫލުތަކުގައި ހިންގަން ފަށައިފިއެވެ.
މިއީ އޯލެވެލްގައި ތިން މާއްދާއަށްވުރެ މަދުން ބައިވެރިވާ ދަރިވަރުންނަށް އަމާޒުކޮށް އެކުދިން ސްކޫލުން ވަކިވެގެންދާއިރު ދިރިއުޅުމުގައި ބޭނުން ހިފޭނެ ހުނަރެއް ދަސްކުރުމަށް ދެވޭ ފުރުޞަތެއްގެ އިތުރުން ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެން.އައި.އީން ހިންގާ ޕްރޮގްރާމެކެވެ.
މި އަހަރުގެ މިހާތަނަށް 5 ސްކޫލެއްގައި މި ޕްރޮގްރާމް ވަނީ ފެށިފައެވެ. މި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ކޯސްތަކުގެ ތެރޭގައި ކޮމްޕިއުޓަރ ހާޑްވެއަރ، ހައުސްކީޕިންގ، އެގްރިކަލްޗަރ، ފްރަންޓް އޮފީސް، އިލެކްޓްރިކަލް ވަޔަރިންގ ފަދަ ކޯސްތައް ހިމެނެއެވެ.
ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ކޯހެއް ހިންގުމަށް ޝައުގުވެރިވާ ސްކޫލުތަކަށް އެފުރުޞަތު މިހާރުވަނީ އެން.އައި.އީން ހުޅުވާލެވިފައެވެ.
ރިޕޯޓް
(ފުރަތަމަ ދުވަސް)
ލިޓެރަސީ އެމްބެސެޑަރ ޓްރޭނިންގެ ހުރިހާސެޝަންތަކުގައިވެސް ޓީޗަރުންނަށް ފޯރޮކޮށްދެވޭ މަޢުލޫމާތު އަމާޒު ކުރެވިފައިވަނީ، އުންނައި ދިނުން ކާމިޔބު ކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ބައިވެރިންނަށް ލިބިދެވޭ ގޮތަށެވެ. އެގޮތުން މި ޓްރޭނިންގެ
ފުރަތަމަދުވަހުގެ ސެޝަންތަކަށް ބަލާއިރު ބައިވެރިންނަށް އެންމެ ފުރަތަމަ ގެންދެވުނީ "ސަރކަލް ޓައިމް" ސެޝަނެވެ.
މިއީ ދަރިވަރުންންގެ ވާހަކަދެއްކުމާއި، އަޑުއެހުމުގެ ހުނަރު ތަރައްޤީކުރުމަށް ބޭނުންކުރާ އެއް ސްޓްރެޓެޖީ އެވެ.
މި ސްޓްރެޓެޖީގެ ބޭނުން ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 6 ގެ ކުދިންނަށް އަމާޒުކޮށްގެން ބޭނުންކުރެއެވެ. ނަމަވެސް މި ތަމްރީނުގައި "ސާރކަލް ޓައިމް" ސްޓްރެޓެޖީ ކީސްޓޭޖް 2 އިން މަތީގެ ކީ ސްޓޭޖްތަކުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގައިވެސް ބޭނުންކުރާނެ ގޮތްތައް ބައިވެރިންނަށް ކިޔައިދެވުނެވެ.
އެގޮތުން މި ސެޝަނުގައި ބައިވެރިން ޢަމަލީގޮތުން ބައިވެރިކުރުވާ ގްރޫޕްތަކުގެ މެދުގައި "ސާރކަލް ޓައިމް" ކުރިއަށްގެންދެވުނެވެ. އަދި "ސާރކަލް ޓައިމް" ކުރިއަށް ގެންދިޔަ ގޮތުގެ މައްޗަށް މަޝްވަރާކޮށް ރަނގަޅުކުރަންވީ ކަންކަން ބައިވެރިން ގްރޫޕްތަކުގެ މެދުގައި ޙިއްސާކުރެވުނެވެ.
ލިޓެރަސީ އެމްބެސެޑަރުންނަށް ކުރިއަށްގެންދެވޭ މި ސެޝަންތަކުގައިވެސް އެންމެ މުހިންމު އެއްބަޔަކީ " އަޑުއެހުމާއި ވާހަކަ ދެއްކުން" ކަމުގައިވާތީ، މިބައިތައް ކިލާސްރޫމުގައި ކުރިއަށްގެންދެވިދާނެ އެކި ސްޓްރެޓެޖީސްތަކުގެ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދީ، މަޝްވަރާކުރެވުނެވެ.
އެގޮތުން "އެޕަލް ސްޓރެޓެޖީ" އާއި ކްލާސްރޫމުގައި "އޯޕަން އެންޑެޑް" ސުވާލާއި "ކްލޯސް އެންޑެޑް" ސުވާލުތަކުން ނިކުންނާނެ ނަތީޖާ ބައިވެރިންނަށް ކިޔައިދެވުނެވެ. އަދި ދަރިވަރު ފިލާވަޅަށް ޝައުގުވެރިކުރުމަށް ސުވާލު ބަށްޓަންކުރާނެގޮތްތައް ކިޔަދެވުނެވެ.
ކިލާސްރޫމަކީ ހަމައެކަނި މުދައްރިސުން ވާހަކަދައްކާ ތަނަކަށް ހެދުމުގެ ބަދަލުގައި، ދަރިވަރާއި މުދައްރިސްގެ ބައިވެރިވުން އޮންނަ މަޝްވަރާކުރެވޭ މާޙައުލަކަށް ހެދުމަށް ބައިވެރިންނަށް ބުނެދެވުނެވެ.
ބަހުގެޢިލްމުގެ ފިލާވަޅުތަކަކީ ހަމައެކަނި ބަހުގެ މާއްދާތަކުގައި ހިމެނޭ ބައެއް ނޫންކަމާއި، ހުރިހާ މާއްދާތަކެއްވެސް ކިލާސްރޫމުގައި ކިވައިދިނުމުގައި ބަހުގެ ޢިލްމު ބޭނުންކުރެވިދާނެ ގޮތްތައް ބައިވެރިންނަށް މި ސެޝަނުގައި ބުނެދެވުނެވެ.
ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ހޯލުގައި ބޭއްވި ބަހާއި ހިސާބު ޢިލްމުގެ ޤައުމީ އިސްތިރާޖު 2022-2027 އާއި އުނގެނުމުގެ އިތުރު އެހީ ދިނުމުގެ އިސްތިރާޖު ތަންފީޒުކުރަންފެށުން ފާހަގަކޮށްފިއެވެ.
މިއަދު ހެނދުނު ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނސްޓަރ ޑރ. އައިޝަތު އަލީއެވެ.
މި ރަސްމިއްޔާތުގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، މިއަދު ތަންފީޒުކުރަށް ފެށުން ފާހަގަކުރަމުން މިދާ ދެ އިސްތިރާޖު ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ތަންފީޒުކޮށް، މި ކަމުން ޙާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާސިލުކުރެވޭނީ ތަޢުލީމީދާއިރާގައި މަސައްކަތްކުރައްވާ އެންމެހައި މުއައްޒަފުންނާއި، ސްކޫލްތަކާއި، ދަރިވުންގެ ބެލެނިވެރިންގެ ޙިއްސާ މިކަމުގައި އޮވެގެންކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެކަމަނާ ވިދާޅުވީ، ތަޢުލީމީ ވުޒާރާއިން އަބަދުވެސް އެންމެ އިސްކަމެއްދީގެން ކުރެވޭ އެއް މަސައްކަތަކީ ދަރިވަރުންގެ ކިބައިގައި ލިޓެރަސީ އެންޑް ނިއުމަރަސީގެ ހުނަރުތައް ފާގަތިކުރުމެވެ.
އެގޮތުން މިއަދު ތަންފީޒުކުރަން ފެށުނު 2 އިސްތިރާޖުގެ ދަށުން ލިޓްރަސީ އެންޑް މެތަމެޓިކްސް އެމްބެސެޑަރުންނަށް ދެވޭ ތަމްރީނު ޕްރޮގްރާމުވެސް މިއަދު މިވަނީ ފަށާފައެވެ. މާރިޗް 20-22 އަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ރާއްޖޭގެ 131 ސްކޫލަކުން ބައިވެރިވެއެވެ. ޖީ.ޕީ.އީގެ އެހީގެދަށުން އެން.އައި.އީން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ޚާއްސަކުރެވިފައިވަނީ ބަހުގެ ޢިލްމަށެވެ.
ބަހާއި ހިސާބު ޢިލްމުގެ ޤައުމީ އިސްތިރާޖު 2022-2027 އާއި އުނގެނުމުގެ އިތުރު އެހީ ދިނުމުގެ އިސްތިރާޖު ތަންފީޒުކުރުމުގެ ޕްރޮޖެކްޓުތަކަށް ޔުނިސެސެފް މޯލްޑިވްސް އާއި ގްލޯބަލް ޕާޓްނާރސް ފޯ އެޑިއުކޭޝަން (ޖީ.ޕީ.އީ)ގެ ދީލަތި އެހީލިބިފައިވެއެވެ.